TheCircle
32 posts



















ބޭންކް އޮފް މޯލްޑިވްސް އިން އާންމުކޮށްފައިވާ ގޮތާ ޚިލާފަށް ކާޑުން ކުރާ މުއާމަލާތްތަކުން %30 ގެ ފީ އެއް ނަގަމުންދާ ކަމަށް ބުނެ ކާކު ކަން ނޭގޭ ފަރާތަކުން ސޯޝަލްމީޑިއާގައި ހާމަކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ދޮގު މައުލޫމާތު ހިމެނޭ ވާހަކަތަކެކެވެ. ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީކޮށް މީގެ ކުރިން ހާމަކޮށްފައިވާ ގޮތަށް، 1 ޖުލައި 2025 އިން ފެށިގެން، ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި އެއްވެސް އިތުރު ސައިޓަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކުން %30 އާ ހަމައަށް ފީއެއް ނުނަގަމެވެ. އެހެންކަމުން ސިއްހީ ހިދުމަތާއި، ތަޢުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ އިތުރު އެތައް ސަތޭކަ މާރޗަންޓުންނަކަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެކެވެ. ބޭންކުގެ 'ޝެޑިއުލް އޮފް ޗަރޖަސް' ގައިވާ ގޮތުން، ރާއްޖޭން ބޭރުގެ މުޢާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން %30 އާ ހަމައަށް ބޭންކަށް ފީއެއް ނެގިދާނެއެވެ. މި ގޮތަށް ކްރޮސްބޯޑަރ ފީއެއް ނެގުމަކީ ދުނިޔޭގެ ބެންކުތަކުން އަމަލުކުރަމުންދާ އުސޫލެކެވެ. މިކަމުގައި ވަކި ލިސްޓެއް ނުވަތަ ވަކި ބަޔަކަށް ދީފައިވާ ލުޔެއް، ނުވަތަ މަތީ ރޭޓެއް ދިނުމަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއްވެސް ނޫނެވެ. ދިވެހިރާއްޖޭގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ އާންމު ފަރުދުންނާއި ވިޔަފާރިތައް ބޭންކަށް ބަރޯސާވެފައިވާ މިންވަރަށް ބަލާއިރު، މިގޮތަށް ފަތުރާ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކަކީ މި ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް، ހިޔާލުފާޅުކުރުމުގެ މިނިވަން ނަހަމަ ގޮތުގައި ބޭނުންކޮށް، ގައުމުގެ އިގްތިސާދީ ހަމަޖެހުން ނަގާލައި، މާލީ ރައްކާތެރިކަމާއި ހަމަޖެހުމަށް ސީދާ ނުރައްކަލާ ކުރިމަތިކުރުވަން ފަތުރާ ވާހަކަތަކެކެވެ. މިފަދަ ދޮގު މަޢުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށާއި، ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ވަސީލަތްތަކުން ހާމަ ކުރާ މައުލޫމާތުތަކަށް ރިއާޔަތްކުރުމަށް ބޭންކުގެ އެންމެހާ ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ.














